12 ގަޑިއިރު ވަންދެން ބޭރަށް ނުކުތުމާއި، ފުލުހުންގެ ހުއްދަ ނެތި މާލެއިން ބޭރަށް ދިއުން މަނާކޮށް، ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރެއް ނެރެފިއެވެ.

އެ އަމުރުގައި ވާގޮތުން ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަށް ދިއުމާއި، ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާ ވާނެއެވެ.

މޮނިކޮން އަމުރަކީ ރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފައިވާ މީހުންގެ ތެރެއިން މުޖުތަމައު އަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ އަމަލުތައް ގާތުން ބެލުމަށް ނެރޭ އަމުރެކެވެ.

މީގެ 14 އަހަރު ކުރިން ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާތައް މީގެ ތިން ދުަވަސް ކުރިން ހައިކޯޓުން ބާތިލު ކުރި އިރު، ހަމަ އެ ދުވަހު ޕީޖީ އޮފީހުން ވަނީ ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެގޮތުން ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ މުއްދަތުތަކަށް ހައިކޯޓުގެ ހުކުމްގައި އަލި އަޅުވާލާފައި ނުވާކަން ޕީޖީ އޮފީހުން ފާހަގަ ކުރިއެވެ. އަދި މި ހުކުމްގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ ހާއްސަ މުއްދަތުތައް ކަނޑައެލުމުގެ މަގުސަދުތައް ގެއްލޭނެ ކަމަށްވެސް ޕީޖީން ބުންޏެވެ.

އަމީނަކީ އައިއެސް ޖަމާއަތާއި ގުޅިގެން، ދިވެހިން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި އަމީނަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ބުނެ، އަމީނާއި ދެކޮޅަށް، އޭނާ އަކީ ކާކުކަން ބަޔާންކޮށް، އަދި އެމެރިކާގެ ކަމާބެހޭ ފަރާތެއްގެ ރިޕޯޓުތަކަކާއި ސިއްރު ލިޔުންތަކެއް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ނަމަވެސް، އޭނާ އެ ތުހުމަތުތަކަށް ވަނީ އިންކާރު ކޮށްފައެވެ.

މީގެ ކުރިންވެސް އަމީން ހައްޔަރު ކޮށްފައި ވާއިރު އެ ފަހަރު އޭނާ ހައްޔަރުކުރީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރަން އުޅުމުން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުމުގެ ތެރޭގައި ލަންކާއިންނެވެ. ނަމަވެސް ދެމަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ގައި އޭނާ ދޫކޮށްލީ އެވެ.