މާފުށީ ޖަލުގައި ހުރި ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖަހައިގެން ފިއްސާލާފައިވާ ކަމުގެ ހަބަރު ފެތުރެމުންދާ އިރު އެއީ އޮފިސަރެއް ކުރި ކަމެއް ނޫން ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

"ދަ ޕްރެސް"' އަށް މައުލޫމާތު ދެމުން މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނީ، މާފުށި ޖަލުގައި ގައިދީއެއް ގަޔަށް ހޫނު ފެން ޖެހީ އޮފިސަރެއް ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ ގައިދީއެއް ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މީގެ ދެތިން ދުވަސް ކުރިން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަދި އަނިޔާވި ގައިދީއަށް މާފުށި ޖަލުގެ މެޑިކަލް ސެންޓަރުން ދަނީ ފަރުވާދެމުން ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ހޫނު ފެން ޖަހާފައިވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ހއ. ހޯރަފުށީގެ މީހެއްގެ ގަޔަށެވެ. އޭނާގެ ގަޔަށް ހޫނު ފެން ޖެހުމުގެ ސަބަބުން ގައިގެ ބައެއް ތަންތަން ފިހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ މާފުށި ޖަލުގައި ފިހުނު މީހާގެ މައްސަލައާ ގުޅިގެން ކަރެކްޝަންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖަހާ ހަށިގަނޑުން ބައެއް ފިއްސާލާފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާވި މީހާއަށް، އެމީހާގެ އާއިލާ ބޭނުންވާ ގޮތަކަށް ބޭސްފަރުވާ ކޮށްދިނުމަށް ގޮވާލާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފަންކާއެއް ނުހުންނަ ގައިދީން ބަހައްޓާ ގޮޅިއެއްގައި ފިހިފައި އޮތް މީހާ ބާއްވައިގެން ކުރަމުންދާ އަނިޔާ ހުއްޓާލުމަށް ވެސް މުހައްމަދު އިސްމާއިލް ވަނީ ގޮވާލައްވާފައެވެ.