މި އަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަސް މިފަހަރު މާލެއާ ކައިރި ސަރަހައްދެއްގައި ފާހަގަކުރަން ނިންމީ ކޮވިޑުގެ ސަބަބުން ހަރަދުކުޑަ ކުރުމުގެ ގޮތުންކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެހެން އަހަރުތަކުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ އާންމުކޮށް ހުޅުވާލައި، އެކަމަށް ޝައުގުވެރިވެ ހުށަހަޅާ ރަށްތަކުގެ ތެރެއިން ރަށެއްގައެވެ.

މިނިސްޓްރީން ބުނީ މި އަހަރު ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމީ އެ ރަށު ކައުންސިލާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް، ކޮވިޑްގެ ސަބަބުން ފާހަގަކޮށްފައިވަނީ ވާޗުއަލްކޮށެވެ. މިދިޔަ އަހަރު ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ދޯނިތަކަށް އެވޯޑުތަކެއް ދީފައެވެ. ނަމަވެސް، މި އަހަރުގެ މަސްވެރިންގެ ދުވަހު ބާއްވާނެ ހަރަކާތްތަކެއް އަދި މިނިސްޓްރީން އިއުލާނެއް ނުކުރެއެވެ.