ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުގެ ސަބަބުން މިދިޔަ އޮގަސްޓު 28 ގައި މޮނިޓަރިންނަށް ލީ އައްޑޫ ސިޓީގެ ކާފިއުގެ މުއްދަތު ހަފްތާއަކަށް އިތުރު ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނީ އެ ސިޓީގެ ކާފިއުގެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަމަހައްޓަން އެޗްޕީއޭ އިން ވަނީ އަންގާފައި ކަމަށާއި، އެހެންކަމުން ކާފިއުގެ ދަށުން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ބޭރަށް ނުކުތުން މަނާ ކަމަށެވެ.

މިއާއެކު ކުރިއަށް އޮތް ހަފްތާ ނިމެންދެން އައްޑޫ ސިޓީގެ ރެސްޓޯރަންޓާއި ފިހާރަ ފަދަ ތަންތަނުން ހިދުމަތް ދެވޭނީ ރޭގަނޑު 9 އަށް ކަމަށާއި، ނަމަވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) ގެ ހުއްދަ އާއި އެކު ރެސްޓޯރަންޓުތަކުން ޑެލިވަރީގެ ހިދުމަތް ދަންވަރު 12 ޖަހަންދެން ދެވޭނެ ކަމަށާއި ފިހާރަތަކުން 10 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭން ކަމަށްވެސް އެ ސިޓީގެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ކާފިއުގެ ވަގުތުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެ ނަމަ، އޭއީއޯސީގެ ހުއްދަ ހޯދުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން އައްޑޫޣައި އަޅާފައިވާ ފިޔަވަޅުތައް:

  • އާންމު އެއްވުންތަކާއި ހަފްލާތައް ބޭއްވުން މަނާކުރުން
  • އެހެން ރަށްރަށަށް ދަތުރުކުރުމަށް އޭއީއޯސީގެ ހުއްދަ ހޯދަން ޖެހޭ
  • ދަތުރު ކުރާ ފަރާތްތަކުން ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ

އިއްޔެ ނުވަ މީހެއް ވަނީ އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެ ސިޓީން ބަލި ޖެހިފައިވާ މީހުންގެ އަދަދު 224 އަށް އިތުރުވެފައި ވާއިރު، ޖުމްލަ 1،237 މީހުން އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. މީގެ ތެރެއިން ރަނގަޅުވެފައި ވަނީ 1،010 މީހުންނެވެ.