ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުން މަގުމަތީ ހަރަކާތްތެރިވެ މީހުން ބަލާ ފާސްކުރާއިރު މަގުމަތީ އުޅޭ އަންހެން ކުދިންނަށް ޒާތީ ސުވާލު ކުރި މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަސައްކަތްކުގެ ތެރެއިން ފުލުހަކު މަގުމަތިން އެކަނި ދިޔަ އަންހެން ކުއްޖަކަށް ކަމާ ނުގުޅޭ ޒާތީ ސުވާލުތަކެއް ކުރި ކަމަށް ބުނެ އާންމުންގެ މީހަކު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

އެ ޕޯސްޓުގައި ވަނީ މަގުމަތިން ދާ އަންހެނުން ހުއްޓުވާ އެ މީހަކު ހުރީ ހުސްހަށިބައިކޮށް ތޯ ސުވާލު ކުރާ ކަމަށް ބުނެފައެވެ. އަދި އެކަނި ދަނީ ކޮންތާކަށް ތޯ އަހާފައިވާ ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ. ފުލުހުންގެ ފަރާތުން މިފަދަ ކަން ވުމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި މި މުޖުތަމައު އަކީ އެންމެންނަށް ވެސް އަމާންތަނަކަށް ހަދަން މަސައްކަތް ކުރަންޖޭހޭ ބަޔަކީ ފުލުހުން ކަމުގައި ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، އެޗްޕީއޭގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ. މިފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ފެނިއްޖެ ނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފުލުހުން ބުނެއެވެ.

އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.