ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން ދިޔަ އަވަށްޓެރި ސްރީލަންކާގައި އިއުލާން ކޮށްފައި ވާ ލޮކްޑައުން ކާފިއުގެ އަމުރު އުވަލާނީ، އަމަލު ކުރާނެ އާ ގަވައިދުތަކެއް ތައާރަފު ކުރުމަށް ފަހުގައި ކަމަށް، އެ ގައުމުގެ ނޭޝަނަލް އޮޕަރޭޝަންސް ސެންޓާ ފޮ ޕްރިވެންޝަން އޮފް ކޮވިޑް-19 އައުޓްބްރޭކް (އެންއޯސީޕީސީއޯ)އިން ބުނެފިއެވެ.

ލަންކާއިން މީޑިއާއިން ހަބަރު ދޭ ގޮތުގައި، އާ ގަވައިދުތައް ތައާރަފު ކުރާނީ، އޮކްޓޯބަރު 1 ވަނަ ދުވަހު، ކާފިއުގެ އަމުރު އުވާލާ ކަމުގައި ވަނީ ނަމައެވެ.

މިކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައި ވަނީ އެންއޯސީޕީސީއޯގެ ޓާސްކްފޯހާއި، އެންއޯސީޕީސީއޯގެ އިސްވެރިޔާ، ޗީފް އޮފް ޑިފެންސް ސްޓާފް އަދި އަސްކަރިއްޔާގެ ކޮމާންޑަރު، ޖެނެރަލް ޝަވެންދްރާ ސިލްވާއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.

ސްރީލަންކާގައި ދަންމާލާފައި ވާ ކާފިއުގެ އަމުރު، އޮކްޓޯބަރު 1 ވަނަ ދުވަހު އުވާލުމާ މެދު އެންމެ ފަހު ބަސް ވިދާޅުވާނީ، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައެވެ. ރައީސްގެ ތާސްކްފޯސް ޓީމުންވެސް ހާއްސަ ބައްދަލުވުމެއް، ވަކިން ކުރިއަށް ގެންގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވެނީ، މާލީ ވަޒީރު ބާސިލް ރާޖަޕަކްސައެވެ.

ޖެނެރަލް ޝަވެންދްރާ ވަނީ ކޮވިޑް ކޭސްތަކުގެ އިތުރުން، ކޮވިޑް މަރުގެ ކޭސްތައް، ލަންކާގައި ދަށަށް ދާން ފަށާފައި ވާ ކަން ފާހަގަ ކުރައްވާފައެވެ. މިއީ ކަރަންޓީނު ކާފިއުގެ ނަތީޖާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ މަސްރަހުން ލިބިފައި ވާ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެ ގައުމުން ރިޕޯޓް ކޮށްފައި ވަނީ 9773 ކޭހެވެ. އޭގެ ކުރީ ހަފުތާގައި 19478 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. މަރުގެ ކޭސްތަކަށް ބަލާއިރު، ފާއިތުވީ 7 ދުވަހުގެ ތެރޭގައި 587 ކޭސް ރެކޯޑް ކޮށްފައިވާއިރު، އޭގެ ކުރީ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ކުރީ 870 ކޭހެވެ.