އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑް ކޮށްފައި ވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ނުބަލާ ލަސްވަމުން ދިޔުމާ ގުޅިގެން އައްޑޫގައި އިއްޔެ ވަނީ އިހުތިޖާޖު ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫ ފޮރެންސިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުންދާ 34 އަހަރުގެ ފުލުހެކެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައިވަނީ ސަބް އިންސްޕެކްޓާ މަގާމުގައި ހުންނެވި އޮފިސަރެކެވެ. އޭނާ ސަސްޕެންޑަ ކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާ ބެހޭ ގަވައިދުގެ 65 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތް ކޮށެވެ.

ފުލުހުން އަންނަނީ ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ އާ ގުޅިގެން މި މައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ.