ކޮވިޑް-19އާ ގުޅިގެން މިހާރު މޮނީޓަރިންގް ހާލަތަށް ގެނެސްފައި އޮތް އައްޑޫ ސިޓީގެ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން މާދަމާ ފަށަން ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ސްކޫލްތަކުގެ މެނޭޖްމެންޓާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އައްޑޫ ޓާސްކް ފޯސް ކޮމިޓީން އައްޑޫގެ ހާލަތު ރިވިއުކޮށް، އެރުވި ލަފަޔާއެކު އެޗްޕީއޭ އިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން އެ ސިޓީގައި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަކާއެކު ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުން އެންމެ ރަނގަޅު ކަމަށް ބުނެފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާއެކު އައްޑޫގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ފެށޭނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އިއްޔެ ވެސް އައްޑޫ ސިޓީ އިން ވަނީ އިތުރު 6 ޕޮޒިޓީވް ކޭސް ފެނިފައެވެ. މިއާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދު ވަނީ 1228 އަރާފައެވެ. މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 262 އެެވެ. ކޮވިޑް ޖެހިގެން އައްޑޫން ތިން މީހަކު ވަނީ މަރުވެފައެވެ.