ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި ރ. ދުވާފަރު އޮންނަތާ ތިން މަސްދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ކޮވިޑް ފެނިގެން އަދިވެސް 20 ރަށެއް ވަނީ މޮނިޓަރިންެގެ ހާލަތުގަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގެ ހާލަތުގައި އޮތީ މިދިޔަ މޭ 25 ގައި މޮނިޓަރިންނަށް ލީ ރ. ދުވާފަރެވެ. ދުވާފަރު މޮނިޓަރިންގައި އޮންނަތާ ތިން މަސްދުވަސް ވަނީ ވެފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު 11 ރަށެއް މޮނިޓަރިންނަށް ލާފައި ވާއިރު، އޭގެ ތެރޭގައި ކޮވިޑުގެ ކޭސްތައް އިތުރުވުމުގެ ސަބަބުން މޮނިޓަރިންނަށް ލާފައިވާ އައްޑޫ ސިޓީވެސް ހިމެނެ އެވެ. އަދި މި މަހު އިތުރު އަށް ރަށެއް ވަނީ މޮނިޓަރިންނަށް ލާފަ އެވެ.
މޮނިޓަރިންގައި މިހާރު އޮތް ރަށްތައް
- ރ. ދުވާފަރު
- ކ. ގާފަރު
- ފުވައްމުލަކު ސިޓީ
- ގ. މަޑަވެލި
- ލ. މުންޑޫ
- ށ. މިލަންދޫ
- ވ. ތިނަދޫ
- ހދ. ނޮޅިވަރަމް
- އައްޑޫ ސިޓީ (ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ، ހުޅުމީދޫ)
- ރ. ރަސްމާދޫ
- ގދ. ފަރެސްމާތޮޑާ
- ވ. ފުލިދޫ
- ރ. ކިނޮޅަސް
- ބ. މާޅޮސް
- ކ. ގުޅި
- ގއ. ގެމަނަފުށި
މިދިޔަ އޭޕްރިލް އަދި މޭ މަހު ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްކޮށް އޮތުމަށް ފަހު، ހާލަތު ރަނގަޅުވާން ފެށީ ޖޫން މަހުގަ އެވެ. އެއާއެކު ކޮވިޑް ކޭސްތައް ދަށްވެ، އެޗްޕީއޭ އިން ވަނީ ބޮޑެތި ލުއިތައް ދީފަ އެވެ. ނަމަވެސް ރަށްރަށުން ކޮވިޑް-19 ގެ ކޭސްތައް ފެނި، ބައެއް ރަށްތައް ދެވަނަ ފަހަރަށްވެސް މޮނިޓަރިންނަށް ލާފައިވެ އެވެ. މިހާރު ރާއްޖެއިން ދުވާލަކު 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ނަމަވެސް، އަދަދުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
ރޭ އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެ ޕޮޒިޓިވްވީ 120 މީހުންގެ ތެރެއިން ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ 66 މީހުންނެވެ.