މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ވަކިވަކި ޕްލޯތަކަށް އަރައިގެން ކުނި ނަގަން ފަށާނެއެވެ.
ކޮވިޑަށް ފަހު އާ އާންމު ހާލަތާއެކު ކުރިން ކުނި ނަގަމުން ދިޔައީ ގޭގޭ ދޮރުމަތިން ކަމަށް ވިޔަސް މާދަމާ އިން ފެށިގެން ގޭގޭގެ ފަންގެފިލާތަކަށް އަރައިގެން ކުނި ނަގާގޮތަށް ވަނީ ނިންމާފައެވެ.
މި ބަދަލާއެކު، ގޭގެއިން މަގުމައްޗަށް ކުނި ނެރުން ދެން މަނާވާނެއެވެ. އަދި ކޮންމެ އެޕާޓްމަންޓަކުން ވެސް ކޮންމެ ދުވަހަކު ކުނީގެ ގޮތުގައި އުކާލެވޭނީ، (40 ލީޓަރު) ސައިޒްގެ ތިން ޑަސްބިން ކޮތަޅު ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު) ގެ ކުންޏެވެ.
ވެމްކޯ އިން ވަނީ، އެ ކުންފުނީގައި ރަޖިސްޓާ ވާން ޖެހޭ ގޮތް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށް، މިހާރު ރަޖިސްޓާ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގައި ކަމަށް ނިންމާފައެވެ. މިގޮތަށް ނިންމި ނަމަވެސް ކުރިން ރަޖިސްޓާ ކޮށްފައިވާ ގޭބިސީތަކުން އަލުން ރަޖިސްޓާ ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކުރިން ރަޖިސްޓާ ކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
މާލެ ސަރަހައްދުގައި ކުނި ނެގުމުގެ ހިދުމަތް ދޭން ނިންމާފައި ވާ ގޮތަށް ބަލާއިރު، މާލޭގައި އިރުއޮއްސި 18:00 އިން ރޭގަނޑު 23:00 އަށް ކުނި ނެގުމުގެ ހިދުމަތް ދޭއިރު، ވިލިމާލެ އާއި ހުޅުމާލޭގައި މި ހިދުމަތް ދޭނީ ރޭގނަޑު 20:00 އިން 23:00 އަށެވެ.
ވެމްކޯގެ ސައިޓަށް ކުނި އުކާލަން ދޫކޮށްފައިވާ "ޑީ ކާޑު" ގެ ހިދުމަތް ވެސް މާދަމާ އިން ފެށިގެން މެދުކަނޑާލާނެއެވެ. މިއީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިތުރަށް ތަރައްގީ ކުރުމަށް ސައިޓުގެ ބޮޑު ބައެއް ބަންދު ކުރާތީ އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. "ޑީ ކާޑު" ގެންގުޅޭ ކަސްޓަމަރުން ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓާ ވާން އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.