އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ މިރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު، މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށްދާނެ ކަމަށެވެ.

އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށާ، ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަންނަވާނެ ކަމަށާ ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށްފަހު ޝާހިދު ތަގްރީރު ކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެ ވަޑައިިގެންނެވީ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައެވެ.

އެއިންތިހާބުގައި މިނިސްޓަރު ޝާހިދު އާ ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާއެވެ.

އެގޮތުން ޝާހިދަށް 143 ވޯޓު ލިބިވަޑައިގެންނެވިއިރު ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.