ރީބްރޯޑްކާސްޓަރުން ޗެނަލްތައް ގިންތި ކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދީފިއެވެ.

އެ ކޮމިޝަނުން ނެރުނު ސާކިއުލާ އެއްގައި ބުނެފައިވަނީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ގެ 33 ވަނަ މާއްދާގެ (ހ) ގައި “ކޮންވެޝަނަލް ރީބްރޯޑްކާސްޓު ކުރާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާއިން ގިންތިކޮށް، ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ޗެނަލްތަކެއް ކަމުގައި ވާންވާނެ” ކަމަށެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން ރީބްރޯޑްކާސްޓު ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ޗެނަލްތައް ގިންތި ކުރުމާއި ނުލާ ހިދުމަތް ފޯރުކޮށްދެމުން ދާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ބްރޯޑްކޮމް ގެ ސާކިއުލާ ގައި ވަނީ ބުނެފައެވެ.

ބްރޯޑްކޮމް އިން ބުނީ މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލްތައް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ގިންތިކޮށް، އެ ކޮމިޝަނަށް އެންގުމަށް އެދޭ ކަމަށެވެ.

ބްރޯޑްކޮމްއިން ސާކިއުލާއެއް ނެރެފައި ވަނީ ދިރާގާއި ދެކޮޅަށް 100 ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ސޮޔާއިއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހު ހުށައަޅާފައިވަނިކޮށެވެ.

އެ ޕެޓިޝަންގަައި ކޭބަލް ޓީވީ އޮޕަރޭޓަރުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ ސިނާއަތުގެ ވާދަވެރިކަން ގެއްލި އެއް ކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދިއުމުގެ ބިރުކަން އޮތުމެވެ.

އެ ޕެޓިޝަން ވަނީ ރައީސް ސޯލިހުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް ވެސް ހުށައަޅާފައެވެ.