ސަރުކާރުގެ އަމާޒަކީ އަންހެނުންގެ ތަރައްގީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި ހައްގު މަގާމު އަންހެނުންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހާސިލް ކުރެއްވި ބޭފުޅުންނަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ދިވެހި އެންމެހާ ކަނބަލުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިހާރު ސަރުކާރުން އަންހެނުންނަށް ފަހިކޮށްދެއްވާފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ރައީސް ވަނީ ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމުގެ މަގްސަދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ މަގްސަދަކީ އަންހެނުން ކުރާ މަސައްކަތްތަކާއި ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް ރޭ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމަކަށް ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ މަސައްކަތުން ގާނޫނީ ގޮތުން ގެނަސްފައިވާ ބަދަލުތަކެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން އަންހެނުންނަށް ލިބިގެންދިޔަ ފުރުސަތުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ގައުމު ބިނާކުރުމުގައި މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރައްވަނީ އަންހެނުންކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާގެ ގާތްގަނޑަކަށް 78 ފަސެންޓަކީ އަންހެނުންކަން ރައީސް ވަނީ ވިދާޅުވެފައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ކޮވިޑް-19 ހާލަތުގައި އަންހެނުން ކުރެއްވި އަގުހުރި ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރޭ ރެހެންދި އެވޯޑް ހާސިލް ކުރެއްވި ފަރާތްތަކަށާއި، ލ. އަތޮޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް، ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.