މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 120 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީޢޭއިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 5228 ސާމްޕަލް ޓެސްޓުކޮށްފައިވާ އިރު ޕޮޒިޓިވް ވެފައި ވަނީ 120 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 30 މީހަކާއި، އަތޮޅުތެރެއިން 70 މީހަކާއި ރިސޯޓްތަކުން 20 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 120 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 82،099 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 227 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 20 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 546 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 177 މީހަކު މަރުވެފައެވެ.

މި ވަގުތު އެކްޓިވް ކޭސްގެ އިތުރުވެ 2064 މިީހަކު ކޮވިޑް ޖެހިފައި އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.