އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ އަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށް ކަމަށެވެ.

އާޒިމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެކެވެ. އާޒިމްގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން 50،000 އެމެރިކާ ޑޮލަރުގެ ދެ ޗެކެއް އާޒިމްގެ ބޭންކް އެކައުންޓަށް ޖަމާކޮށް ރިޝްވަތު ހިފާފައި ވާތީ ކަމަށް ޕީޖީން މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެތެރެއިން އެއް ޗެކަކީ ޖޫން 2، 2015 ވަނަ ދުވަހު ޖަމާކޮށްފައިވާ ޗެކެއް ކަމަށާއި ދެވަނަ ޗެކަކީ ޖޫން 15، 2015 ގައި ޖަމާކޮށްފައިވާ ޗެކެއް ކަމަށެވެ.

އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުރިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓުން 100،000 ޑޮލަރު ޖަމާވި މައްސަލަ ފަޅާއެރުމުން އާޒިމް ވަނީ ތުހުމަތު ދޮގުކޮށްފައެވެ. އޭރު އޭނާ ހުރީ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަމުގެ މަގާމުގައި ނަމަވެސް ފަހުން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.