ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތް ނިމިފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ސޭންޑް ފިލްޑް ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާ، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާ، 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

އޭގެ އިތުރުން 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާ، 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓިސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38.2 މިލިއަން ރުފިޔާއަށެވެ.