ހއ. ދިއްދޫ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަންޑޭޝަން ފޫޓިން މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ދިއްދޫ ފެރީ ޓާމިނަލަކީ "އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާމިނަލް ކަމަށެވެ.

“އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ މަގްސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫޢު ތަންފީޒު ކުރެވޭނީ 3 ފިޔަވައްސެއްގެ ދަށުންނެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލްއެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫއު ނިމުމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.