ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ދިވެހި ފުލުހުން ޔޫކޭއަށް ދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ އެކު މަޝްވަރާކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިސަލް ވިދާޅުވީ ރައީސް ނަޝީދު ބަޔާން ދެއްވުމާ ގުޅޭގޮތުން ޕީޖީ އަށް ސިޓީއެއް ފޮނުވާފައި ވާތީ ޕީޖީއާއެކު އެކަމުގައި ކުރިއަށް ދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެކެވެ.

ނަޝީދުގެ ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ، ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ދައުވާ ކުރަން ފޮނުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލަން ނިންމި ކަން ހާމަ ކުރެއްވުމަށް ފަހުގައެވެ.

އޭގެ ކުރިން ފުލުހުންގެ އިދާރާއިން ވެސް ނަޝީދުގެ ބަޔާން ނަގަން މަސައްކަތް ކުރި ނަމަވެސް ނަޝީދު ބަޔާން ދެއްވާފައެއް ނުވެއެވެ.

ނަޝީދު ބަޔާން ދެއްވަން ތައްޔާރުވެ ހުންނެވިކަން ޕީޖީ އޮފީހަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް އަބްދުލްސައްތާރު ސިޓީއެއް މެދުވެރިކޮށް އެންގެވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ދައުވާ ކުރަން ފޮނުވައިފައި ވާ ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލާފައެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށް ގެންދަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި އިސްހާގާއި ފަހުމީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެއެވެ.

ނުރައްކާތެރި އެ ހަމަލާއިން ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު އޭޑީކޭއިން ފަރުވާ ހޯއްދެވުމަށް ފަހު ދޮޅު މަހެއްހާ ދުވަސް ވަން ދެން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ނަޝީދު ފަރުވާ ހޯއްދެވިއެވެ.

ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައި ވާ ގޮތުގައި، ހަމަލާ ރޭވި އިސް މީހުން ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާނެތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުން ވެވަޑައިގަންނަވައެވެ.