އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގާލްސްޓު ކޯޑު - ކުޅުދުއްފުށި" ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައި ވަނީ ރޭ ވާޗުއަލް ކޮށެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސްގެ އިތުރުން މި ޕްރޮގުރާމްގެ ބައިވެރިން ބައިވެރިވެފައި ވެއެވެ.
ދިރާގުން ބުނީ، މި ޕރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް 2 މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. މި ޕްރޮގްރާމްގައި ކުދިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެއެވެ. މިޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖް ކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މެންޓާސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެއެވެ
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވަރިންނަށް މުހާތަބް ކުރައްވަމުން، ދިރާގުގެ ޑިރެކްޓާ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ އަންހެންކުދީން ޓެކްނޮލޮޖީ ދާއިރާގައި ބާރުވެރިކުރުމަށް ހިތްވަރު ދިނުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމް ގައި ހާއްސަ އަހައްމިޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. ގާލްސް ޓު ކޯޑް 3 ވަނަ ސީރީސް ފެށިގެން ދާއިރު, ކޮންމެ އަހަރަކު ވެސް މި ޕްރޮގްރާމަށް ލިބޭ ތަރުހީބު އިތުރުވަމުން ދާ ކަމަށާއި، މީގެން ދޭހަވަނީ މި ދާއިރާއަށް އަންހެން ކުދިންގެ ޝައުގުވެރިކަން ވެސް އިތުރުވަމުން ދާ ކަމަށެވެ. މިއީ ދިރާގުން ހާއްސަކޮށް ފާހަގަކޮށް އުފާ ކުރާކަމެއް ކަަމަށް އާތިފާ ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް ކުޅުދުއްފުށިން ލިބުނު ތަރުހީބާއި އަދި އެކި ފަރާތްތަކުން ދިން އެއްބާރުލުމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން ޝުކުރު އަޑަ ކުރިއެވެ. ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ވިދާޅުވީ ކޯޑިން ފަދަ ޓެކް ހުނަރަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔެ ކުރިއަރާ ސްޕީޑްގައި އަހަރުމެން ވެސް ފައިހަމަ ކުރުމަށް ބޭނުންވާ މުހިއްމު ހުނަރެއް ކަމަށެވެ. ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ ކޯޑިން ދަސްކުރުމަށް އެޅޭ ބިންގަލެއް ކަމަށާއި ވިމެން އިން ޓެކް ގެ އުންމީދަކީ ޕްރޮގްރާމްގެ ބައިވެރިން މިކަމަށް އޮތް ޝައުގުވެރިކަން ދަމަހައްޓާ އަދި ދަސްކުރުމުގައި ދެމި ތިބުން ކަމަށް ހިންދު ވިދާޅުވިއެވެ. އަދި ދަސްކުރާ ހުނަރުތައް އާންމު ދިރިއުޅުމުގައި ވެސް އެޕްލައި ކުރުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގަރލްސް ޓު ކޯޑް ކުޅުދުއްފުއްޓަކީ މި ސީރީސްގެ 3 ވަނަ ޕްރޮގްރާމްއެވެ. ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރު ޏ. ފުވައްމުލަކު ގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގާފައި ވަނީ 2021 ވަނަ އަހަރު ގދ. ތިނަދޫގައެވެ.