މާލޭ ކައިރީގައި އޮންނަ ކ.ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން އެމްޓީސީސީއާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓިސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަށް 41 މިލިއަން ރުފިޔާ ހަރަދުވެއެވެ. 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އާންމުންގެ ހިޔާލު ހޯދަން ވެސް ޕްލޭނިން މިނިސްޓްރީން އިއްޔެ ހުޅުވާލިއެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ.