ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓިސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަށް 451.6 މިލިއަން ރުފިޔާ ހަރަދުވެއެވެ. 750 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އަލިފުށީގެ އިތުރުން މ. މުލި، ބ. ތުޅާދޫ އަދި ފ. ބިލެއްފަހީގައި އެއާޕޯޓެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.