ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އޯގަސްޓް 28، 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެނެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެދިޔަ މި މަޝްރޫއަކީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފެބްރުއަރީ 25، 2021 ގައެވެ.