ސަރުކާރުން އިސްރާފުގެ ގޮތުގައި ފައިސާ ހޭދަކުރުން ހުއްޓާލުމަށް މަޖިލީހާއި ސަރުކާރުގެ ސައިޒު ކުޑަ ކުރަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު މިހެން ވިދާޅުވީ، މަޖިލިސް މެންބަރުންނަށް މަންފާ ލިބޭ ގޮތަށް ކަންކަން ކުރަން ހުށަހަޅަމުން ދާ ވާހަކަ ފެންމަތިވެފައި ވާ ވަގުތެއްގައި އެކަމަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ދާދި ފަހުން މަޖިލީހުގެ ކޮންމެ މެންބަރަކަށް އެ މެންބަރެއްގެ ގެ ކައިރިން ޕާކިން ސްލޮޓެއް ހަމަޖައްސައި ދޭން ވަނީ ހުށަހަޅާފައެވެ. ޝަހީދު ވިދާޅުވީ، މިހާރު މަޖިލީހާއި މި ސަރުކާރަކީ ބޯގިނަކޮށްގެން ނުވަތަ ގިނަ ބަޔަކަށް ވަޒީފާ ދީގެން ހިންގާ އިސްރާފު ބޮޑު ނިޒާމެއް ކަމަށެވެ.

އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައާއި މަޖިލީހުގައި ގިނަ ބަޔަކު ތިބި އިރު އޭގެތެރެއިން ހިދުމަތް ދެއްވަނީ ވަރަށް މަދު ބޭފުޅުންތަކެއް ކަމަށް ޝަހީދު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ސައިޒު ވެސް ކުޑަކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ ސައިޒް ވެސް ކުޑަކުރަން ޖެހޭ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު މިހެން ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވާފައެވެ.

ސަރުކާރުން ކުރާ ހަރަދުތަކާ ގުޅޭ ގޮތުން ޝަހީދު ވާހަކަ ދެއްކެވި އިރު މި ސަރުކާރުގެ ވުޒާރާތަކަށް އައްޔަން ކޮށްފައި ތިބި މިނިސްޓަރުންގެ އަދަދު ގިނަ ވާހަކައާއި މަޖިލިސް މެންބަރުންގެ އަދަދު ގިނަ ވާހަކަ އާއި ކޮމިޝަންތަކާއި ކޮމިޝަންތަކުގައި ތިބި މެންބަރުން އިތުރުވެ އެ ކޮމިޝަންތަކުން ކުރާ މަސައްކަތެއް ފެންނަ ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ މި ފަހުން އާންމުކޮށް ދެކެވޭ ވާހަކަތަކެވެ. ކޮމިޝަންތަކެއް ހަދައި މެންބަރުންތަކެއް އައްޔަން ކޮށް ސަރުކާރުން އެ ބަޔަކަށް މުސާރަ ދެމުންދާ އިރު ކުރާ މަސައްކަތުގެ ނަތީޖާ ނުފެންނަ ކަމަށް ބުނެ ސަރުކާރުން އިސްރާފުގެ ގޮތުގައި ފައިސާ ބޭނުން ނުކުރުމަށް ވެސް އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ސަރުކާރުން ކުރާ ހޭދައިގެ ވާހަކަތައް ދައްކާއިރު ކޮވިޑް ބަލި މަޑުކަމާ އެކީ ރާއްޖެއަށް ދިމާވި އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް މިހާރުވެސް ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސަރުކާރުން ހިލޭ އެހީގެ ގޮތުގަ އާއި ބޭރުގެ އެހީގައި ފައިސާ ހޯދުމައްޓަކައި ކުރާ މަސައްކަތްތަކަކީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ކަންކަމެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ އިޖާރާ އެގްރީމެންޓްގެ ބޭނުމަށް ސުކޫލުތަކެއް ބޭނުން ކޮށް ކުއްޔަށް ފައިސާ ހޯދަން ނިންމި ނިންމުމަކީ ވެސް އެތައް ބަޔެއްގެ ފާޑު ކިޔުން އަމާޒުވި ކަމެކެވެ.

އިޖާރާ އެގްރިމެންޓް ހަދައއިގެން ސްކޫލްތަކެއް ބޭނުންކޮށް ފައިސާ ހޯދަން މި ފަހުން ނިންމި އިރު، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލް ވެސް މި ސަރުކާރުން ވަނީ ރަހުނު ކޮށްގެން 1.5 ބިލިއަން ރުފިޔާ ހޯދާފައެވެ.