7 ފްލޫ ސާމްޕަލް އެއް ޕޮޒިޓިވް ވެ ލ. މުންޑޫ މޮނިޓަރިން އަށް ލައިފިއެވެ.

މުންޑޫ ކައުންސިލް ރައީސް އާދަމް ނާސިފް ވިދާޅުވީ އެރަށުގައި ކޮވިޑްގެ އަލާމަތްތަކެއް ހުރި ފަރާތްތަކެއްގެ ފްލޫ ސާމްޕަލް ތަކަކުން 7 ސާމްޕަލް އެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނިޓަރިން އަށް ލާފައިވާ ކަމުގެ ލިޔުން އަދި ކައުންސިލަށް ފޮނުވާފައި ނުވާކަމަށް ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ދެ އާއިލާއަކުން ކަމަށެވެ. އަދި އެ ދެ އާއިލާ ދިރިއުޅޭ ދެ ގެ، އެ ރަށުގެ ކައުންސިލް ސޯޝަލް ޑެސްކާއި ހެލްތް ސެންޓަރާ ގުޅިގެން މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް ނާސިފް ވިދާޅުވިއެވެ.

ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ކަރަންޓީނު ކޮށްފައިވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް ސަޕޯޓް ޑެސްކެއް އެކުލަވާލާއި އޭގައި ހިމެނޭ މީހުން އިއްޔެ ރެންޑަމް ސާމްޕަލްތަކެއް ނަގައިފައިވާ ކަމަށާ އެ ސާމްޕަލްގެ ތެރެއިން ނެގެޓިވް ވެފައިވާ ފަރާތްތައް އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް ނާސިފް ވިދާޅުވިއެވެ.

މުންޑޫ ކައުންސިލް ރައީސް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ ރެންޑަމް ސާމްޕަލްގެ ތެރެއިން އަދި އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްކޮށް އައިސްފައި ނުވާކަމަށެވެ. އަދި ޕޮޒިޓިވްވި 7 ފަރާތަކީ ވެސް ކޮވިޑްގެ އަލާމާތްތައް ހުރެގެން ފުލޫ ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލް އިން ޕޮޒިޓިވްވި 7 ފަރާތްކަން ވެސް ކައުންސިލް ރައީސް ފާހަގަ ކުރެއްވިއެވެ.

މުންޑޫއިން އިއްޔެ 142 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން 9 ސާމްޕަލް އަކީ ފްލޫ ސާމްޕަލް ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މިވަގުތު ރާއްޖޭގެ 15 ރަށެއް މޮނިޓަރިންގައި އޮތް އިރު އިއްޔެ ވަނީ 2 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ގދ. މަޑަވެލި އަދި ތ. ވޭމަންޑޫއެވެ. ރާއްޖޭގައި މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަދުވަސްވީ ރަށަކީ ރ. ދުވާފަރެވެ. ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މޭ 25، 2021 ވަނަ ދުވަހުއެވެ.