ސުނާމީ ކާރިސާއަށް ފަހު ލ. މުންޑޫ އާއި ކަޅައިދޫން އެ އަތޮޅު ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ. ގެ އިނާޔަތެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މިއަދު ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައި ނުވާކަމުގެ ޝަކުވާތައް އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50,000.00 ރުފިޔާގެ އިނާޔަތެއް ދިނުމަށް ރައީސް ނިންމަވާފައި ވާކަމަށެވެ.

އެހެންކަމުން ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ކޮންމެ ގެއަކަށް ދިނުމަށް ނިންމާފައިވާ އިނާޔަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް ގަމު ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ އިނާޔަތަށް އެދި ހުށަހަޅަންޖެހޭނީ މުންޑޫ އަދި ކަޅައިދޫގައި ހުރި ގޭގެ ވެރިފަރާތުން ކަމަށެވެ. އަދި ވެރިފަރާތް ދުނިޔޭގައި ނެތްނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެނަމަ، ވާރިޘުންގެ ތެރެއިން ކޮންމެވެސް އެއްފަރާތަކުން އޮކްޓޯބަރު 5، 2023 ން ފެށިގެން އޮކްޓޯބަރު 21، 2023 އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.