ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ވާނީ އިތުރު ޑޯޒަކަށް ނޫނީ ބޫސްޓާކަށް ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިފަދައިން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 3 ވަނަ ޑޯޒްއެއް ޖަހަން ޖެހިދާނެކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއްގައެވެ.

ޑރ. ފައިސަލް ވިދާޅުވީ ކޮވިޑުން ރައްކާތެރި ވުމަަށްޓަކައި އާއްމުކޮށް ޖަހާ ވެކްސިނުގެ ދެޑޯޒްގެ އިތުރުން ދެންޖަހާ 3 ވަނަ ޑޯޒަކީ ދިފާއީ ނިޒާމް ދަށް މީހުންނަށް ދެ ޑޯޒް ޖެހުމަށްފަހު ވެސް ވެކްސިނުން ދިފާއު ވެވޭވަރު ދަށްވީމައި ދެވަނަ ޑޯޒް ޖެހިތާ އެއްމަަސް ފަހުން ދޭ ޑޯޒެއްކަމަށެވެ. އަދި ވެކްސިން ބޫސްޓާއަކީ ދެވަނަ ޑޯޒްއަށްފަހު ދިފާއުވެވޭވަރު ރަނގަޅު ވީ ނަމަވެސް އެތައް މަހެއްފަހުން ދިފާއީ ނިޒާމް ދަށްވާން ފެށީމައި ދޭ ޑޯޒެއްކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 379،379 މީހުންނެވެ. އޭގެތެރެއިން 300،427 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.