ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ.

އެމަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާ، 407 މީޓަރުގެ ބޭރުތޮށި ލުމާ، 50 މީޓަރުގެ ގްރޮއިން ޖެހުމާ، 105 މީޓަރުގެ ރިވެޓްމެންޓް ޖެހުމާ، 212 މީޓަރުގެ އެއްގަމުތޮށި ލުމާ، 9 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން 2 މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުމާ، 61.703,1 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މިއީ 72.33 މިލިއަން ރުފިޔާ އަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.