މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ދައުވާ ކުރާ އުމުރުން 27 އަހަރުގެ ފިރިހެން މީހާ، ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އެ ޝަރީއަތް ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު 11:00 ޖަހާއިރަށެވެ. މާދަމާގެ އަޑުއެހުމަކީ އެމައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެވެ.
ޒިހާންއަށް ކުރާ ދައުވާތަކުގެ ތެރޭގައި ކުޑަކުދިން ގްރޫމް ކުރުމާއި، މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާ ކުރުމާއި، ކުޑަކުއްޖަކު ލައްވާ ކުށް ކުރުވުމާއި، ގަސްތުގައި މީހަކު މަރާލުމައި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ފަދަ ދައުވާތައް ހިމެނެއެވެ. 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މަރާލުމާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ހިމެނެއެވެ.
މިމަހު 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވަނީ ޒިހާންގެ މައްޗަށް ކުރެވޭ ދައުވާ ތަކާ އެކު އޭނާގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަަމަށް ވިދާޅުވެފައެވެ.
ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ޒިހާން ހައްޔަރު ކުރީ ގެސްޓްހައުސް އެއްގައި ހުއްޓައި ފުލުހުން އެތަނަށް ވަދެއެވެ.