އެމްއެމްޕީއާރުސީ ހިޔާނާތު މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެސެޓް ރިކަވަރީ ކޮމިޝަނުން ސްރީލަންކާ ރައްޔިތެއްގެ ހެކިބަސް ހޯދާފައި ވަނީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފިއެވެ.
ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް މިގޮތަށް އަންގާފައި ވަނީ އެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ ފޮނުއްވި ސިޓީއަކުންނެވެ.
ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ވަނީ އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލައަކާ ގުޅިގެން ރާއްޖޭން ބޭރު ގައުމެއްގެ ރައްޔިތެއްގެ ބަޔާން ނަގަން ޖެހިއްޖެ ކަމުގައި ވާނަމަ އަމަލު ކުރަން ޖެހޭ އުސޫލުތަކެއްވާ ކަމަށެވެ.
އަދި ރާއްޖޭން ބޭރު ރައްޔިތެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ އިންތިޒާމް ހަމަޖައްސާނީ އެފަދަ ކަމެއްގައި އެހީތެރިކަން އެދޭ ގައުމަކުން ބަޔާން ބޭނުންވާ ރައްޔިތުމީހާ ހުރި ގައުމުގެ ސަރުކާރުގެ ކިބައިން އެދިގެން ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ. މިއީ ރާއްޖޭގައި ވެސް އަމަލުކުރަމުން އަންނަ އުސޫލުކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން މިފަދަ ޖިނާއީ މައްސަލަތަކުގައި މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް، ގާނޫނީ އެހީތެރިކަމަށް އެދި ފޮނުވަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެއެވެ.
ރައީސް އޮފީހުން ފޮނުވި ސިޓީގައި އިތުރަށް ވަނީ އެސެޓް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްރީލަންކާ ރައްޔިތެއް ކަމުގައިވާ ކަންޑައުޑާ އަރައްޗަންގީގެ ބަޔާން ނެގުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ މިފަދަ މައްސަލަތަކުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަާ ގާނޫނުގައިވާ ގޮތައް ނޫންކަމަށެވެ.
އަދި މި މައްސަލައިގައި ލަންކާގެ ރައްޔިތެއްގެ ހެކިބަސް ނެގުމުގައި މައްސަލަތަކެއް ހުރިކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށާ ލަންކާގެ ކަމާބެހޭ އިދާރާތަކުން ވެސް މިކަމުގައި އަމަލުކުރިގޮތް ބަލަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.