އދގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖައްސަވައިފިއެވެ.

މިއީ އދ. ގެ މި އިސް މަގާމަށް ޝާހިދު އިންތިހާބުވި ފަހުން، އެ ހައިސިއްޔަތުން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ޝާހިދު ވަނީ އެ ހައިސިއްޔަތުން އިންޑިއާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖަޕާން ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ޝާހިދު ކުރައްވާނެއެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސޫއާ ވެސް ޝާހިދު ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އދ. ގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތް ކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދުއާއި ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާ ކުރައްވާނެއެވެ.