އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ނަރޭންދްރާ މޯދީއަކީ، އިންޑިއާގެ ވޯޓަރުންނާއެކު މާމުއިހަނދުގެ ދުވަސްތައް ގުނުއްވުމުގައި ވަގުތުތަކެއް ހޭދަ ކުރެއްވި ލީޑަރެކޭ ދެންނެވަމުން ގޯހެއް ނެތެވެ.

ސިޔާސީ ރޭހަށް ގަދައަށް ތެޔޮ ޖަހައިގެން ނެރުނު ސިޔާސީ ގާފިލާއަކައިގެން މޯދީ ވަނީ ވެރިކަމުގެ 2 ދައުރު ކަށަވަރު ކުރައްވާފައެވެ. ނަސީބު، އަބަދުމެ ހިފަމުން ދިޔައީ މޯދީގެ އަތްޕުޅުގައެވެ. 2016 ވަނަ އަހަރު، އިންޑިއާގެ މާލީ ނިޒާމުން ކަރުދާސް ނޫޓުތަކެއް އުވާލަން ނިންމެވި ނިންމެވުނު ފަދަ ގޯސްތަކަށް، ރައްޔިތުން މައާފުވެސް ކުރިއެވެ. މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އިގުތިސޯދު މަޑުޖެހިގެން ދިޔަ ދިއުމާ އެކުގައިވެސް މޯދީއަށް ތާއީދު ކުޑަވި ކަމަކަށް މަންޒަރު ތަސްވީރެއް ނުކޮށްދެއެވެ. ހަރުދަނާ، ބާރުގަދަ އިދިކޮޅު ރާޅެއް ނެތުމުން، މިކަމަށް އިތުރު އެހީއަކަށް ވީ ކަމުގައިވެސް ވެދާނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ގައުމާ މުހާތަބުކުރައްވާ މަންޒަރު ބަލަން އާންމުންގެ ބަޔަކު ޖަމާވެފަ/ފޮޓޯ: ރޮއިޓާޒް

ކަން މިހެން އޮތް ނަމަވެސް، މޯދީގެ މަގުބޫލު ކަން ފަނޑުވަމުން ދާ ކަން ގަބޫލު ކުރަން ހެއްޔެވެ؟

އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއިން މިދިޔަ ޖުލައި މަހުގެ ތެރޭގައި، 14600 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ، މިވަގުތަށް، ޖަވާބަކަށް ފުދެއެވެ. އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދެންވެސް ކުފޫ ހަމަވާ ޝަހްސަކީ މޯދީ ކަމަށް ބުނީ، މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 24 ޕަސެންޓް މީހުންނެވެ. އިންޑިއާގައި އެންމެ އަވަހަށްވެސް ދެން އާންމު އިންތިހާބެއް އޮންނާނީ 2024 ގައެވެ.

މިއީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއާ އަޅާ ބަލާއިރު 42 ޕޮއިންޓްގެ ވެއްޓުމެކެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވޯޓު ދެއްވާފައި/ފޮޓޯ: އެސްސީއެމްޕީ

މިފަދަ ސާވޭތައް އެކުލަވާލުމުގެ ސިޔާސީ ތަޖުރިބާކާރެއް، އަދި މޯދީއަށް ފާޑުކިއުންތައް އަމާޒު ކުރެއްވުމުގައި އަރާ ހުންނެވި ޔޯގެންދްރާ ޔާދަވް ވިދާޅުވި ގޮތުގައި، މި ވެއްޓުމަކީ، ފާއިތުވީ 20 އަހަރު ދުވަހުގެ ތަޖުރިބާއަށް ބަލާއިރު، ބޮޑުވަޒީރެއްގެ މަގުބޫލުކަން މިހާ ބޮޑަށް ވެއްޓިގެން ދިޔަ ފުރަތަމަ ފަހަރެވެ.

މި ހިނގާ 2021 ވަނަ އަހަރަކީ މޯދީއަށް މާ ފަސޭހަ އަހަރެއް ކަމުގައި ދެންނެވޭކަށް ނެތެވެ. ކޮވިޑް-19ގެ ދެވަނަ ރާޅާއެކު އިންޑިއާއަށް ކުރިމަތިވި ތޫފާނީ ބަނަކަމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މޯދީގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުވިއެވެ. އިގުތިސޯދީ ތަކުލީފުތައްވެސް އިންތިހާއެވެ. ބަޒާރުގައި ތަކެތީ އަގު އުފެލެނީއެވެ. ހަކަތައިގެ އަގުތައް އުފުލެނީއެވެ. ވަޒީފާގެ ބާޒާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ.

2014 ވަނަ އަހަރުން ފަށައިގެން ވަރަނާސީގެ ދާއިރާގެ މެންބަރަކީ ބޮޑުވަޒީރު ނަރޭންދްރާ މޯދީ / ފައިލް ފޮޓޯ: ޑީއެންއޭ އިންޑިއާ

ސާވޭގައި ބައިވެރިވި 70 ޕަސެންޓް މީހުން ވަނީ ކޮވިޑްގެ ސަބަބުން އެމީހުންގެ އާމްދަނީ ދަށަށް ދިޔަ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވި ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކާ 430000 އަށް ވުރެ، ހަގީގީ އަދަދުތައް މަތި ވާނެ ކަމަށްވެސް 70 ޕަސެންޓް މީހުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ކަންކަން މެނޭޖު ކުރުމުގައި މޯދީ މަސައްކަތް ކުރައްވަނީ ރަނގަޅަށް ކަމަށް 36 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. އާންމުން އުފުލަމުން ދާ ތަކުލީފުތަކުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ މޯދީގެ ސަރުކާރުން ކަމަށް 13 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. 44 ޕަސެންޓް މީހުން ވަނީ ފެޑެރަލް ސަރުކާރުގެ އިތުރުން ސްޓޭޓް ސަރުކާރުތަކުންވެސް ޒިންމާ ވާންޖެހޭ ކަމަށް ބުނެފައެވެ.

ދިއްލީގައި ހިންގާ ދިރާސާ މުއައްސަސާއަކަށް ނިސްބަތްވާ ރާހުލް ވަރުމާ ވިދާޅުވާ ގޮތުގައި، މޯދީގެ މަގުބޫލުކަން ދަށްވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަޕޯޓަރުންތަކެއް ވެރި ރަށް ނިއުދިއްލީގައި އުފާފާޅުކުރަނީ/ފޮޓޯ: އަދުނާން އާބިދީ

މޯދީގެ ވެރިކަމުގައި އިންޑިއާއިން މީޑިއާގެ މިނިވަންކަން ގެއްލުނެވެ. 2014 ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވި ފަހުން، އެންމެ ޕްރެސް ކޮންފަރެންސްއެއްވެސް ކުރިއަށް ގެންދަވާފައެއް ނުވެއެވެ.

ސަރުކާރުގެ އެކި ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރީތީ ފެނިގެންދިޔައެވެ. މިއިން ކޮންމެ ކަމަކާ ސަރުކާރުން ކުރިމަތިލާފައި ވަނީ ގަދަ ބާރާއެކުގައެވެ.

ބިލްބޯޑުތަކާ، ވެކްސިން ސެޓްފިކެޓްތަކުގެ އިތުރުން ނޫހާއި ޓީވީ އިޝްތިހާރުތަކުން އެ ލީޑަރެއްގެ މޫނުފުޅު ފެނިގެންދާ ލީޑަރެއްގެ މަގުބޫލުކަން ފަނޑުވުމަކީ، ޒާތާއި ޝަހްސު ބިނާކުރެއްވުމަށް މޯދީ ކުރައްވާ މަސައްކަތުގައި ކާމިޔާބެއް ނެތް ކަން އަންގައިދިނުމުގެ ފެށުން ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

އިންޑިއާޣެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެ ގައުމުގެ 75 ވަނަ މިނިވަން ދުވަހުގެ އިހުތިފާލުގައި / ފޮޓޯ: އިންޑިއަން އެކްސްޕްރެސް

13 ގައުމެއްގެ އިންތިހާބީ ލީޑަރުންގެ މަގުބޫލުކަން ވަޒަން ކުރަމުން އަންނަ މޯނިން ކޮންސަލްޓްގެ ރެކޯޑްތަކަށް ބަލާއިރު، މޯދީގެ މަގުބޫލުކަމުގެ ރޭޓީންގް ވަނީ، މިދިޔަ އަހަރު މެއި މަހަށް ފަހު، 25 ޕޮއިންޓްގެ ވެއްޓުމެއް ރެކޯޑް ކޮށްފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 ދާއިރާއަކުން 10000 މީހެއްގެ ބަސް ހޯދައިގެން ހިޔާލު ހޯދުމުގެ ނަތީޖާތައް އެކުލަވާލާ ސީވޯޓާއިން ބުނާ ގޮތުގައި، މޯދީ ބަލައިގަންނަ ނިސްބަތް، މެއި މަހު ވަނީ 37 ޕަސެންޓް ދަށަށް ގޮސްފައެވެ. އެއީ އޭޕްރިލް މަހުގެ ކުރިއާ އަޅާ ބަލާއިރު 20 ޕޮއިންޓްގެ ވެއްޓުމެކެވެ.

ހިޔާލު ހޯދުމުގެ ސާވޭތަކުން މޯދީގެ މަގުބޫލުކަމުގެ ފާހަގަ ދަށަށް ދިޔަ ކަމުގައި ވީ ނަމަވެސް، އެއީ ބޮޑުވަޒީރު ކަމުގެ ގޮނޑިކޮޅުން މޯދީ ތެދުވެވަޑައިގަންނަވަން ޖެހޭނެ ސަބަބެއް ކަމުގައި ނުބެލެވެއެވެ. އެހެނީ، އިންޑިއާގެ މައި އިދިކޮޅު ފިކުރުގެ ގޮތުގައި އޮތް ކޮންގްރެސްގެ ލީޑަރު، ރާހުލް ގާންދީ އަށް ވުރެ މޯޑީގެ ރޭޓިންގް އަދިވެސް އުޅެނީ ދެގުނަ މަތީގައެވެ. ވަރުގަދަ އޮޕޮޒިޝަން ނެތުމުގެ ފައިދާއަކީ މޯދީއަށް ލިބޭ ނަސީބެއް ކަމުގައި ވުމުގެ ފުރުސަތު ގާތެވެ.