ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ކުރިމަތިލުމަށް މެލޭޝިއާ ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުސަތު، އެ ގައުމުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް އަރުވާނެ ކަމަށް، މެލޭޝިއާގެ އާ ބޮޑުވަޒީރު އިސްމާއީލް ސޮބްރީ ޔައުގޫބު ވިދާޅުވެއްޖެއެވެ.

މިއީ މެލޭޝިއާގައި އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާ ސިޔާސީ ހަލަބޮލިކަން ހިމެނޭ ކުރެއްވުމަށް އިސްމާއީލް ސޮބްރީ ކުރައްވާ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު ކަމުގެ މަގާމު، އިސްމާއީލް ސޮބްރީ ކާމިޔާބު ކުރެއްވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި، ހަނި ގޮތަކުން މަޖިލީހުގެ އަގުލަބިއްޔަތު ކަށަވަރު ކުރައްވައިގެންނެވެ. މި ދަނޑިވަޅަކީ ކޮވިޑް-19 އާގުޅުން ހުރި ކަންކަން، އެކަށީގެންވާ ގޮތެއްގައި މެނޭޖް ކުރަމުން ނުދާ ކަމަށް ބުނެ، މެލޭޝިއާގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ދާ ދަނޑިވަޅެކެވެ.

އުމުރުފުޅުން 61 އަހަރުގެ އިސްމާއީލް ސޮބްރީއަކީ މީގެ ކުރިން ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މުހްޔިއްދީން ޔާސީންގެ ވެރިކަމުގައި، ނައިބު ބޮޑުވަޒީރުގެ މަގާމު އަދާ ކުރެއްވި ޝަހްސެވެ. ޔާސީން ކޯލިޝަން ފެއިލްވީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ 2018 ވަނަ އަހަރުގެ އާންމު އިންތިހާބަށްފަހު މެލޭޝިއާގައި ފެއިލްވި 2 ވަނަ ކޯލިޝަންއެވެ.

ޓީވީ މެދުވެރިކުރައްވާ ވާހަކަފުޅުދައްކަވަމުން އިސްމާއީލް ސޮބްރީ ވިދާޅުވީ، ނޭޝަނަލް ރިކަވަރީ ކައުންސިލް އަދި ސްޕެޝަލް ކޮމިޓީ އޮން ކޮވިޑް-19ގައި ބައިވެރިވުމުގެ ދައުވަތު، މެލޭޝިއާގެ އިދިކޮޅު ލީޑަރުންނަށް އަރުވާނެ ކަމަށެވެ. މި ދަނޑިވަޅަކީ ސިޔާސީ ހަލަބޮލިކަން އުފެދިފައި ވާ ވަގުތަކަށް ވާއިރު، އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ހައްލު ހޯދުން މުހިންމު ވެފައި ވާކަމަށްވެސް އިސްމާއީލް ސޮބްރީގެ ތަގުރީރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން މެލޭޝިއާގެ ކުރީގެ ސަރުކާރުން ގެންގުޅުނު އިސްތިރާޖު އިތުރަށް ފުރިހަމަ ކުރައްވާނެ ކަމަށް އާ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، އިތުރު 6 މިލިއަން ޑޯޒްގެ ވެކްސިން ބައްލަވާގަންނަވާނެ ކަމަށްވެސް އޭނާ ވަނީ އިއުލާން ކުރައްވާފައެވެ.

މުހްޔިއްދީންއާއި ޔާސީންއަކީވެސް މެލޭޝިއާގެ ރަސްގެފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ތެރެއިން، ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި 2 ބޭފުޅުންނެވެ.