ކުޑަކުދިންނާ ގުޅޭ މައްސަލައެއް ފާހަގަ ވާނަމަ އަވަހަށް ރިޕޯޓު ކުރުމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ފާރަވެރިވެ، އެއްވެސް ކަހަލަ ޝައްކުވާ ކަމެއް އުޅޭނަމަ ނުވަތަ ފާހަގަ ވާނަމަ އަވަހަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޮތޯރިޓީތަކުގެ މަސައްކަތަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމު ވަނީ ކުށްތަކުން އަދި ކުށްވެރިންގެ ކިބައިން ކުރިއަށް އޮތް ޖީލު ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ޕީޖީ ޝަމީމް އެހެން ވިދާޅުވެފައި ވާއިރު ކުޑަކުދިން ބޭނުން ކޮށްގެން ކުށް ކުރާ މީހުންނަށް އެފަދަ ޖާގައެއް ނުދެއްވާނެ ކަމަށް އޭނާ ވަނީ މިއަދު ވިދާޅުވެފައެވެ.

ޕީޖީ އެހެން ވިދާޅުވީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ބައްދަލު ވުމެއްގައެވެ.

އެގޮތުން ޕީޖީ ވަނީ މިއީ ރާއްޖޭގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި މި މައްސަލައިގެ ރިޕޯޓު ކިޔާލުމުން ވަރަށް އަސަރު ކުރި ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކުށްތައް ކުރާ މީހުންނަށް ވަރަށް ސާފު މެސެޖެއް ދެއްވަން ބޭނުންފުޅުވާ ކަމަށާ އެގޮތުން ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރުމުގެ ޖާގައެއް ނުދެއްވާނެ ކަމަށާ އެފަދަ މައްސަލަތައް ލުއިކޮށް ނުނަންގަވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

އަދި ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށެއް ކޮށްފި ނަމަ އެ ކުށެއްގެ ދައުވާގެ އިތުރުން ކުޑަކުއްޖެއް ބޭނުންކޮށްގެން ކުށް ކުރީތީ އެކަމަށް ވަކިން ވެސް ދައުވާ ކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.