މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުންނަށް ދައުވާ ކުރަން ނިންމައިފިއެވެ.

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގަިއ ވާހަކަ ދައްކަވަމުން ޝާމީމް ވިދާޅުވީ،މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27 އަހަރު) ގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް ކުރާ ކަމަށެވެ.

ޒިހާންގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާއަށް ކުރާ ދައުވާތަކުގެ ތެރޭގައި ކުޑަކުދިން ގްރޫމް ކުރުން، މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާ ކުރުމާއި، ކުޑަކުއްޖަކު ލައްވާ ކުށް ކުރުވުމާއި، ގަސްތުގައި މީހަކު މަރާލުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ފަދަ ދައުވާތައް ކަމަށް ޝާމީމް ވިދާޅުވިއެވެ.

ޒިހާންގެ މައްޗަށް ކުރާ ދައުވާތަކަކީ ހަމައެކަނި 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ކުރާ ދައުވާ ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެހެން ތުހުމަތުތަކެއް ވެސް މި މައްސަލައާ ގުޅިގެން ފެނިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ކުޑަކުދިންގެ މައްސަލަތަކާ ގުޅިގެން ހަދާފަިއވާ ގާނޫނާ ގުޅިގެން މި މައްސަލައިގައި އިތުރު ތަފްސީލްތަކެއް ދެވެން ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މަރާލުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ހިމެނެއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މަރާލި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ކާރަކީ ޓެކްސީއެކެވެ. އަދި ޓެކްސީ ދުއްވި މީހާ މި އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ކަން ކަށަވަރު ވެފައެއް ނުވެއެވެ.