މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެވޭ މީހަކު، ވީ އެންމެ އަވަހަކަށް މަޖިލީހުގެ ރުހުން ހޯއްދަވަން ވާނެ ކަމަށް، މެލޭޝިއާގެ ރަސްގެފާނު ސުލްތޯން އަބްދުﷲ އަހުމަދު ޝާހް ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ރަސްގެފާނު މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި މިވަނީ، މެލޭޝިއާގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް ބެފުޅަކު އައްޔަން ކުރުމަށް ނަން ފޮނުވުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އަރުވާފައި އޮތް މުހުލަތު ހަމަވި ދަނޑިވަޅާ ދިމާ ކުރައްވައެވެ.
މެލޭޝިއާގެ ރަސްގެފާނު ވިދާޅުވީ، އާ ބޮޑުވަޒީރަކު ޢައްޔަން ކުރައްވާނީ، ހުށަހަޅުއްވާފައި ވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ މެންބަރުންގެ ތާއީދު އޮތް ކެންޑިޑޭޓަކަށް ބައްލަވައިގެން ކަމަށެވެ. ނަމަވެސް، އެކަމަކީ މަޖިލީހުގައި އިމްތިހާން ކުރެވެން ޖެހޭނެ ކަމެއް ކަމަށްވެސް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ. މިކަމުގައި ރަސްގެފާނު ގޮތެއް ނިންމަވާނީ، މެލޭޝިއާގެ 9 ސްޓޭޓްގެ ވެރިންނާއެކު، ހުކުރު ދުވަހު ކުރިއަށް ގެންދަވާ މަޝްވަރާތަކަކަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މެލޭޝިއާގައި އަލުން އާންމު އިންތިހާބެއް ނުބޭއްވުމަށް، ރަސްކަމުގެ ކޮއިލުން ވަނީ ނިންމަވާފައެވެ. މިކަން މިގޮތަށް ނިންމީ، މެލޭޝިއާގެ ސަރަހައްދުތަކަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ރެޑް ޒޯންތަކަކަށް ވެފައި، ސިއްހީ ފެސިލިޓީތައް އެކަށީގެންވާ ގޮތެއްގައި ނެތުމުގެ ސަބަބުންނެވެ.
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމާއެކު، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މުހްޔިއްދީން ޔަސީން ވަނީ މިދިޔަ ހޯމަ ދުވަހު، މަގާމުން އިސްތިއުފާ ދެއްވާފައެވެ. އާ ބޮޑުވަޒީރަކު އައްޔަން ކުރެވެންދެން، މުހްޔިއްދީން ހުންނަވަނީ ވަގުތީ ލީޑަރު ކަމުގެ މަގާމުގައެވެ.
ރަސްގެފާނު ސުލްތޯން އަބްދުﷲ ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި، މެލޭޝިއާގެ ސިޔާސީ ލީޑަރުންނާ ބައްދަލު ކުރައްވާފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެކަތިގަނޑަކަށްވެ، ގައުމު ހިންގުމަށް ހުރަސް އެޅޭ ފަދަ ވާހަކަތައް ދެއްކެވެމުން އެކަހެރިވެވަޑައިގަތުމަށް ވެސް ރަސްގެފާނު ގޮވާލެއްވި ކަމަށް ހަބަރު ލިބެއެވެ.
މެލޭޝިއާގައި ރަސްރަސްކަލުންގެ ދައުރަކީ ރަމްޒީ ދައުރަކަށް ވީ ނަމަވެސް، ބޮޑުވަޒީރަކު އައްޔަން ކުރެއްވުމުގެ ބާރު އޮންނަނީ ރަސްގެފާނަށެވެ.