ތ. އަތޮޅުގައި ވެރިކަން ކުރާ ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލަން ފީސިބިލިޓީ މިހާރު ހަދަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ތ. ކިނބިދޫއަށް ވަޑައިގެން ކިނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު އެ ރަށު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުވުމުގައި ކިނބިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާ ކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބިން ހިއްކުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ވޭމަންޑޫއާ ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމާއި، ކިނބިދޫގެ އާސާރީ ތަނެއް ކަމުގައިވާ ވޭރު ހިމާޔާތްކުރުމާއި، ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން ކިނބިދޫގައި އިގްތިސާދީ ހަރާކާތް އިތުރުކުރުމަށް ބޭނުންވާ ކަމަށާއި، ފަތުރުވެރިކަމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން އަދި އިޖުތިމާއީ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް ކައުންސިލް މެންބަރުން ވަނީ ރައީސް ސޯލިހާ އެކު މަޝްވަރާ ކުރައްވާފައެވެ.
ކިނބިދޫގައި ފެނާއި، ނަރުދަމާއާއި، ފެން ރައްކާކުރާ ނިޒާމު އަދި ފުޓްސަލް ދަނޑު އެޅުން ފަދަ މަޝްރޫއުތަކާއި އެކު ސަރުކާރުން ކިނބިދޫގަައި މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމުގައިވެސް ކައުންސިލުގެ ރައީސް އަލީ ހުސައިން ވަނީ މިބައްދަލުުވުގައި ވިދާޅުވެފައެވެ.
ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ސޯލިހް ވެސް ވަނީ އެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުގެ ޕްލޭންގައި އޮތް ކަމެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް ވެސް ކިނބިދޫގައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެބައޮތް ކަމަށެވެ.
މީގެ އިތުރުން ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިއަށްދާ ކަމަށާއި، ކައުންސިލުން ފާހަގަކުރި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާކޮށްގެން ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އިގްތިސާދީ ގޮތުން ހުރި ފުރުސަތުތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް ކޮންޓްރޯލްކުރުމުގައި ކައުންސިލްތަކާއި ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، އެންމެން ގުޅިގެން ވެކްސިން ޖެހުމުގެ ކަންކަން ވީހާވެސް އަވަހަށް ނިންމަވާ ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
ވޭމަންޑޫ އާއި ކިނބިދޫ ކޯޒުވޭ އަކުން ގުޅާލާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު ރައީސް ސޯލިހް ކިނބިދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވެއެވެ.