ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއަކީ މިނިސްޓްރީއޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 800 މީޓަރުގެ ސަރހައްދެއްގައި ބޭރުތޮށިލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި 1420 އަކަ މީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓް ހަދައި ބަނދަރު ބައްތިއާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 52.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސިން ބުނެއެވެ.

ހިތަދޫގެ ބަނދަރު މަސައްކަތުގެ އިތުރުން އެމްޓީސީސީން ރާއްޖޭގެ އެތައް ރަށެއްގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް އެބަ ހިންގައެވެ.