މެލޭޝިއާގެ ބޮޑުވަޒީރާއި ކެބިނެޓް އިސްތިއުފާ ދެއްވައިފިއެވެ. ހަބަރުތައް ބުނާ ގޮތުން ބޮޑުވަޒީރު މުހްޔިއްދީން އިސްތިއުފާ ދެއްވީ މެލޭޝިއާގެ ކޮވިޑްގެ ހާލަތު ހަމައަކަށް އެޅުވުމުގައި ފެއިލް ވުމާއި ވެރިކަން ކުރާ ޕާޓީގެ ތެރޭގައި މަގުބޫލުކަން ކުޑަވެ ކުރިމަތިވި ޕްރެޝަރާއެކުގައެވެ.

މީގެ އިރުކޮޅެއްގެ ކުރިން އިސްތިއުފާ އިއުލާން ކުރެއްވި އިރު މުހްޔިއްދީން ވަނީ 1 އަހަރާއި 5 މަސް ދުވަހު ބޮޑުވަޒީރުކަން ކުރައްވާފައެވެ.

މުހްޔިއްދީންގެ މަގުބޫލުކަން ޕާޓީގެ ތެރޭގައި ގެއްލިގެން ދިޔުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ހިންގުންތެރިކަން ނެތުމާއި ގިނަ ވަގުތު ސިޔާސީ ކަންކަމުގައި ހޭދަކުރުމުގެ ސަބަބުން ކަމަށް މެލޭޝިއާގެ ރައްޔިތުން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މެލޭޝިއާގެ އޮފިޝަލަކު ވިދާޅުވީ، މުހްޔިއްދީނަށް ވެރިކަން ގެއްލުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރީ ސަރުކާރު ހިންގުމުގައި ނާގާބިލުވުމާއި "ސްލޯ" ވުން ކަމަށެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ޖުލައި މަހު މަޖިލީހުގައި ނެގި ބަޖެޓް ވޯޓުގައިވެސް މުހްޔިއްދީން ސަލާމަތްވީ އެންމެ 2 ވޯޓުން ކަމަށާއި ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގައި އެއްގޮތަކަށް ވެސް ކަންކަން ހަމަޔަކަށް އެޅުވިފައި ނުވާކަމަށެވެ.

އުމުރުން 74 އަހަރުގެ މުހްޔިއްދީނަކީ އެގައުމުގައި ވެރިކަމުގައި ހުންނެވި ނަޖީބު ރަޒާގް ޝާމިލްވި މަލްޓި ބިލިއަން ޑޮލަރުގެ ހިޔާނާތަށް ފަހު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތް މަހާތީރު އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

މުހްޔިއްދީނަށް ފަހު ދެން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ބޭފުޅަކަ މެދު ބަހުސް ކުރަމުން ދާއިރު ގިނަބަޔަކު ގަބޫލު ކުރަނީ ކޮވިޑްގެ ހާލަތު މެނޭޖު ކުރުމުގައި އިސްދައުރެއް އަދާ ކުރައްވާ އުމްނޯ ޕާޓީގެ އިސްމާއީލް ސަބްރީ ކަމަށެވެ. ނަމަވެސް އަދި ވަކި ބޭފުޅަކު އައްޔަނެއް ނުކުރެއެވެ.