އޮގަސްޓް 13، 2021 ވަނަ ދުވަހުގެ ރޭ ކުލަބްހައުސްގައި ކުރިޔަށްގެންދިޔަ ޕްރޮގްރާމެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްއަށް ކުރެއްވި ތުހުމަތުތައް މަޖިލީހުގެ މިނިވަން މުއައްސަސާއާ ބެހޭ ކޮމިޓީން ބެލުމަށް އެޖެންޑާ ކޮށްދިނުމަށް އެދިފައިވާނޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ މައްޗަށް ކުރެވޭ ވަރަށް ސީރިއަސް ތުހުމަތެއް ކަމަށާ މި މައްސަލައިގެ ހަގީގަތް ހޯދާ ބަލަންޖެހޭ ކަމަށެވެ.

ކުލަބްހައުސް ގައި ކުރިޔަށްގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަހުލޫފް ވަނީ އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ބޭފުޅުންނަށް ވަރަށް ބޮޑު ތުހުމަތެއް ކުރައްވާފައެވެ.

އެގޮތުން އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އާ ދެ ބޭފުޅުންނާ ބެހޭ ކަންކަން އެނގިވަޑައިގަންނަވާ ކަމަށާ މި ކަންކަން އާންމުންނާ ހިއްސާ ކުރައްވައިފިއްޔާ "މަގުމަތީގައި ހިނގަން ލަދުގަންނާނެ" ކަމަށް މަހުލޫފް އެ ރޭ ވިދާލުވެފައިވެއެވެ.

އެރޭ ކުލަބްހައުސްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި އެބޭފުޅުން އަމަލުކުރަން ނިންމާފައި ވަނީ "ޖެހިޖެހީނުން ދުއްވާލަން" މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ޖަހައިގެން އެހާ ފަސޭހައިން އޭނާ ނުވެއްޓޭނެކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެއެވެ.