ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ވަޒީރަކު ފާޅުގައި ދައުލަތް ބޭޒާރުކުރައްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަކީ މުޅި ވެރިކަން ބަދުނާމުވާ ވަރުގެ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ، ރައީސް ސޯލިހުގެ ކެބިނެޓުގެ ވަޒީރެއް ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ރޭ ކްލަބް ހައުސްގައި ދެއްކެވި ވާހަކައަަކަށް ރައްދު ދެއްވައެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މި ވަގުތު ސަސްޕެންޝަންގައި ހުންނެވި މަހްލޫފް ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އޭނާގެ މައްސަލައިގައި ދައުވާ ކޮށްފިނަމަ މުޅި ދައުލަތް އޮރިޔާން ކުރައްވާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުން ވެސް ގާނޫނީ ނިޒާމަށް އިތުބާރު ނުކުރާކަން ހާމަވެއްޖެ ކަމަށެވެ. ރައީސް ސޯލިހުގެ ކެބިނެޓްގު ވަޒީރަކު ފާޅުގައި މި ސަރުކާރުން އުފައްދާފައިވާ ކަމިޝަންތަކާއި މުއައްސަސާތައް ބޭޒާރު ކުރާ ވާހަކަ ދައްކަވާ އިރު އަދުލުވެރިކަމުގެ ޒައްރެއްވެސް ނެތްކަން ކަށަވަރު ވެއްޖެ ކަމަށާއި މުޅި ވެރިކަން ޖޯކަކަށް ވެއްޖެ ޖަމީލް ވިދާޅުވިއެވެ. އަދި މިހިސާބަށް ކަންތައް ދިޔަ އިރު ވެރިކަމުގައި ހުންނެވި ރައީސް ސޯލިހަށް ދުސްތޫރީ މަސްއޫލިއްޔަތު ސާފު ނުވޭތޯ އައްސަވާ ޖަމީލް ސުވާލު ކުރެއްވިއެވެ.

ރޭ ކްލަބްހައުސްގައި މަހލޫފް ދެއްކެވި ވާހަކައިގައި މަހްލޫފް ވިދާޅުވެފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާ ލަދުގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަ ހުރި ކަމަށެވެ.

އައްސަދާއި ޝިއުނާ އުޅުއްވަނީ މަތިފުށް އޮމާން ކުރައްވައިގެން ނަޒާހަތްތެރި ބައެއް ކަމަށް ދައްކައިގެން ކަމަށާއި ނަމަވެސް އެ ދެބޭފުޅުން ލަދުގަންނަ ވަރުގެ ޗެޓްލޮގްތަކެއް އެބަހުރި ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. އެ ޗެޓްލޮގްތައް އާންމުކޮށްފި ނަމަ އެ ބޭފުޅުންގެ އިންޓަގްރިޓީ ގެއްލޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި އޭނާގެ މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފި ނަމަ ދައުލަތް އޮރިޔާން ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައި ވަނީ އޭނާ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000 އެމެރިކާ ޑޮލަރު ގަބޫލު ކުރި ކަމަށެވެ. އެ މައްސަލާގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި އޮންނަތާ ދެ މަަހަށް ވުރެ ގިނަ ދުވަސްވީ އިރު އެ މުއްދަތުގައި މަހްލޫފް ހުންނެވީ ސަސްޕެންޑް ކޮށްފައެވެ.

މިކަމާ ގުޅިގެން މަހްލޫފް ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެހާ ގިނަ ދުވަސްވީ އިރު ދައުވާ ނުކޮށް މައްސަލައިގައި ވަކި ގޮތެއް ނުނިންމާ ދިގު ދަންމާތީ ޕީޖީއަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި މައްސަލައިގައި ދައުވާ ކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން މަހްލޫފް ވިދާލުވެފައި އޮތް ނަމަވެސް ފަހުން ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.