ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތައް އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމޭޓުންގެ އާ ޖީލެއް އުފައްދަން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހާއްސަ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕީޖީއޭ ޔޫތު ފެލޯޝިޕް" ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް ގެ ނަމުގައި ފަށާ ޕްރޮގްރާމްގައި ބައިވެރިކުރާ ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް 1 އަހަރު ދުވަސް ހޭދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އެއީ އދ. ގެ ނިޒާމުގެ ތެރެއަށް އެ ޒުވާނުން ހޭލުންތެރި ކުރުވައި މަލްޓިލެޓަރަޒިމަށް ވަރުގަދަ އަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ޒުވާނުންގެ ބައިވެރިވުން އޮތުމުގެ މުހިއްމުކަން ވަރުގަ ދައަށް ގަބޫލުކުރާ މީހެއް. ވަކިން ހާއްސަކޮށް އެ މީހުންގެ މުސްތަގްބަލާ ގުޅޭ ނިންމުންތައް ބައްޓަން ކުރުމުގައި ބައިވެރިވުން އޮތުމުގެ މުހިއްމުކަން"
އަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު މިދިޔަ ޖޫން 7 ގައި އިންތިހާބު ކޮށްފައެވެ. މި މަގާމަށް ދިވެހިރާއްޖޭގެ ފަރާތުން ނިކުންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އދ ގެ 75 އަހަރުވީ ތާރީހުގައި ދިވެހިރާއްޖޭގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ބޭފުޅަކީ ޝާހިދު އެވެ. އަދި ކުދި ގައުމުތަކުން ރިޔާސަތު ކާމިޔާބު ކުރެއްވި 6 ވަނަ ޑިޕްލޮމެޓްވެސް މެއެވެ.