ދިވެހިރާއްޖެއިން ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓާސް (އެމްއޭއޭސީ) ގައި ސޮއިކޮށްފިއެވެ.

މީރާއިން ބުނީ ޕެރިސްގައި ހުންނަ އޯއީސީޑީގެ ހެޑްކުއާޓަރުގައި ބޭއްވި އެރަސްމިއްޔާތުގައި އެ އެގްރިމަންޓްގައި ސޮއިކުރައްވާފައި ވަނީ ކިންގްޑަމް އޮފް ބެލްޖިއަމަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ހުންނަވާ ސަފީރު، ހަސަން ސޯބިރު ކަމަށެވެ.

އެމްއޭއޭސީގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅާ، މައުލޫމާތު ބަދަލުކުރުމަށާ ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާ އުސޫލުތަކަކަށް ޓެކުހާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށްޓަކައި އިތުރު ދެ މުއާހަދާއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލު، މިއަދު ސޮއިކުރައްވާފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ އެ މުއާހަދާތަކަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމްސީއޭއޭ - ސީއާރްއެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމްސީއޭއޭ - ސީބީސީ" ކަމަށެވެ.

އެ މުއާހަދާގައި ސޮއިކުރުމުން، އެ މުއާހަދާގައި ބައިވެރިވާ އެހެން ގައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް، ގާނޫނީ އިމުގެ ތެރެއިން މީރާއަށް މައުލޫމާތު ބަދަލުކުރެވޭނެއެވެ. އަދި މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މީގެތެރޭގައި އެކްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީއޯއައިއާރް)، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭއީއޯއައި) އަދި ސްޕޮންޓޭނިއަސް އެކްސްޖޭންޗް އޮފް އިންފޮމޭޝަން އަދި ސާވިސް އޮފް ޑޮކިއުމަންޓްސްގައި އެހީތެރިވުމާއި ޓެކްސް އެގްޒަމިނޭޝަންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެހީތެރިކަން ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.

އެމްއޭއޭސީއިން ބާރުދޭ އެއް ސްޓެންޑާޑް ކަމަށްވާ ސީއާރްއެސްގެ ދަށުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑަންޓެއް ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން ފައިނޭންޝަލް އެކައުންޓްތަކުގެ ތަފްސީލް މީރާއަށް ލިބޭނެއެވެ. އަދި ފަރުދުންގެ އެންމެހާ އެކައުންޓްތަކުގެ ތަފްސީލާ، ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250,000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނެއެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާ ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީ ވެސް ހިމަނާގެން އެ ފަރާތަށް ލިބޭ ޖުމްލަ އާމްދަނީން ކަމުން، އެފަދަ މައުލޫމާތު 143 އެހެން ގައުމަކުން ލިބުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރުން ހުއްޓުވުމަށާ، އާމްދަނީ ލިބޭ މިންވަރަށްވުރެ ދަށުން ރިޕޯޓްކުރާ ފަރާތްތައް ދެނެގަތުމަށް މީރާއިން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އޭގެ އިތުރުން، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގެ ދަށުން، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއުގެ ގޮތުގައި 750 މިލިއަން ޔޫރޯއަށްވުރެ އިތުރަށް ލިބިފައިވާ މަލްޓިނެޝަނަލް އެންޓަޕްރައިޒް (އެމްއެންއީ) ގްރޫޕްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ކޮންސްޓިޓުއަންޓް އެންޓިޓީތައް ގާއިމްކޮށްފައިވާ އެމްއެންއީ ގްރޫޕްތަކުގެ މާލީ މައުލޫމާތު ވެސް މީރާއަށް ލިބޭނެއެވެ.

މީރާއިން ބުނީ ބައިނަލްއަގްވާމީ ޓެކުހުގެ މައިދާނުގައި ކުރިއަރާފައިވާ ގައުމުތަކާ ދިވެހިރާއްޖެއިން ފައިހަމަކޮށް، ޓެކުހަށް މަކަރު ހަދާ ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފެށި މި ދަތުރުގައި މިއަދަކީ މީރާއާ ދިވެހިރާއްޖޭގެ ޓެކްސް ނިޒާމަށް ބޮޑު ކާމިޔާބީއެއް ލިބުނު ދުވަހެއް ކަމަށެވެ. މިރާއިން އުންމީދު ކުރަނީ މާލީ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާއެކު ކާމިޔާބުކަމާއެކީ އެ ސްޓޭންޑާޑްތައް ތަންފީޒުކުރުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.