އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނެގި މައްސަލައިގައި ކޯޓަށް ދިއުމުން ބަދަލުގައި އެހެން ސަރަހައްދަކުން ގޯތި ދިނަސް އެންމެ ރަނގަޅު ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ މައްސަލަ ބެލުމަށް ފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އާންމު ބޭނުމަށްޓަކައި މީހުންގެ އަމިއްލަ ބިންތަކާއި މުދާ ކޮންމެހެން ނަގަން ޖެހިއްޖެ ހާލަތެއްގައި އަދުލުވެރި ބަދަލެއް ދިނުމަށް ފަހު އެ ބިމެއް ނޫނީ މުދަލެއް ނެގިދާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި ވާ ކަމަށެވެ.
އެހެންކަމުން ގޯތިތައް އެހެންތަނަކަށް ބަދަލުނުކުރެވޭނެ ސަބަބެއް ނެތް ކަމަށާއި ގޯތިތައް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނަކީ ނުވަތަ ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަތުލަން ނިންމީ މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ މިދިޔަ މަހުއެވެ. އެކަމާ ބައެއް ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހި ބައެއް މީހުން ވަނީ ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ދައުވާކޮށްފައެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ ގޯތިތައް ނަގަން ސިޓީ ކައުންސިލުން ނިންމީ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެތީ އެއީ މުޅި ސިޓީގެ މަސްލަހަތާ ގުޅޭ ކަމަކަށް ވާތީ ކަމަށް ބުނެއެވެ.