މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހެއްގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު ފަހު 3:00 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ފުވައްމުލަކު މައިލީ ސްޓޭޑިއަމް ކައިރި ނައިބު ތުއްތި މަގުން 2 ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނެކެވެ. އެ ދެމީހުން ވެސް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ އިރު، އެތަނުން އެކަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ހާލު ބޮޑުވެގެން އިތުރު ފަރުވާ އަށް އައްޑޫ އަށް ގެންދަނީ ކާކު ކަން ފުލުހުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން އެ ދެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އެކްސިޑެންޓްވި ދެ ސައިކަލު ވެސް ދުއްވާފައި ވަނީ ލައިސަންސް އޮތް ދެމީހުން ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.