ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތުގެ 97 ޕަސެންޓާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. ހަމައެއާއެކު 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށްވެސް ވަނީ ޕްލޭން ކޮށްފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 50.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.