މި ހާދިސާ ހިނގާފައިވަނީ މާލެ ސިޓީ ގަލޮޅު ހިތައް ފިނިވާ މަގުގައެވެ. މި ގަހަކީ އެމަގުގައި ހުންނަ ސަލަތައި ރެސްޓޯރެންޓްގެ ގޯތިތެރޭގައި ހުރި ގަހެކެވެ.

މި ގަސް މުލުން ލުހި ގަހާ އިންވެގެން ހުރި ފާރާއެކު ވެއްޓުމުގެ ސަބަބުން މަގުމަތީގައި ޕާކު ކޮށްފައި ހުރި ދެތިން ސައިކަލަކަށް ވަނީ ގެއްލުން ލިބިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ އަސަރު ކުރަމުންނެވެ. މިގޮތުން މިއަދު މެންދުރުފަހު 14:30 އިން ފެށިގެން މިރޭ 20:30 އާ ދެމެދަށް ހެ. އަތޮޅުން ތ. އަތޮޅަށް ވަނީ ވައިޓް އެލާތް ނެރިފައެވެ.

އަދި ގަޑިއަކު 22 މޭލާ 27 މޭލަށް ވައިގަދަވާނެ ކަމަށާ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް ރާއްޖޭގެ މޫސުމާބެހޭ އިދާރާ (މެޓް) އިން ބުނެއެވެ.

މެޓް އިން އިތުރަށް ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލަށް ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ ދެކުނުގެ އަތޮޅުތަކަށް ދެކުނާ ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ރާޅުގެ އުސްމިނުގައި 2-6 ފޫޓު ހުންނާނެކަމަށް ލަފާކޮށް މެޓް އިން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާ ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.