ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އިތުރުވަމުން އަންނަ މެލޭޝިއާގައި، ބަލިމަޑުކަމުން އަރައިގަތުމަށް ހިންގާ ވެކްސިން ކެމްޕޭނަށް، ޣައިރު ގާނޫނީ ހިޖުރަވެރިންނާ ރެފިއުޖީންގެ ހިޔަނި އެޅޭ ކަމަށް ހަބަރު ލިބިއްޖެއެވެ.

މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން މިދިޔަ އަހަރެއްހާ ދުވަހު ދެމުން ދިޔަ މެސެޖުތަކުގެ ސަބަބުން، ޣައިރު ގާނޫނީ ހިޖުރަވެރިންނާ ރެފިއުޖީން އޮޅުމެއްގެ ތެރޭގައި ތިބިއިރު، އެންމެ ކާމިޔާބު ކަމާއެކު ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ހުރަހަކަށް ވާނީވެސް މި ގުރޫޕު ކަމަށް ބުނެވެއެވެ.

އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ރާޅު، މެލޭޝިއާއަށް ބިންދާލާފައި ވާ އިރު، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، އެ ގައުމުގައި ތިބި ބޮޑެތި މީހުންނަށް، އޮކްޓޯބަރު މަސް ނިމޭ އިރު 2 ޑޯޒް ވެކްސިން ޖަހާ ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ.

ވެކްސިން ކެމްޕޭންގެ ދުވެލި ހަލުވިކޮށް، ހާޑް އިމިއުނިޓީއަކާ ހިސާބަށް ދިއުން އަވަސް ކުރުމުގެ ގޮތުން، މެލޭޝިއާއިން ވަނީ، ހިޖުރަވެރިންނާއި ރެފިއުޖީންވެސް އަމިއްލަ އިސް ނަގައިގެން ވެކްސިން ޖަހަން އައުމަށް ގޮވާލާފައެވެ. ނަމަވެސް، ރެފިއުޖީންނާއި ހިޖުރަވެރިންނާ މެދު މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަމަލު ކުރި ގޮތަށް ބަލާ، އަމިއްލަ އިސް ނަގައިގެން ނިކުތުމަށް ގިނަ ބަޔަކު ފަސްޖެހެމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.

މެލޭޝިއާގައި ދިރިއުޅެމުން އަންނަ ރޯހިންނާ ދަރިކޮޅުގެ ރެފިއުޖީއެއް ކަމަށް ވާ މުހައްމަދު ޒުބައިރު ބުނި ގޮތުގައި، ވެކްސިންޖެހުމަށް އޭނާ ވަނީ ދަފުތަރު ކޮށްފައެވެ. ނަމަވެސް އޭނާގެ އަނބިމީހާއަކީ މެލޭޝިއާގެ ސަރުކާރުން ބަލައިގެންފައިވާ ރެފިއުޖީއަކަށް ނުވުމުން، ވެކްސިން ޖަހަން އަނބިމީހާ ގެންދިއުމާ މެދު ދެވަނަ ވިސްނުމެއްގައި ހުރި ކަމަށް ޒުބައިރު ވަނީ ބުނެފައެވެ.

މެލޭޝިއާގެ ސަރުކާރުން ވަނީ، ޣައިރު ގާނޫނީ ހިޖުރަވެރިންނަށް ވެކްސިން ޖެހުމަށް ހާއްސަ މަރުކަޒުވެސް ގާއިމު ކޮށްފައެވެ. ނަމަވެސް، ހައްޔަރު ކޮށްފާނެ ކަމުގެ، ބިރު، މެލޭޝިއާގައި ދިރިއުޅެމުން އަންނަ ޣައިރު ގާނޫނީ ހިޖުރަވެރިންގެ ހިތްތަކުން ފިލާ ނުދެއެވެ.

މި ބިރުވެރިކަން އުފެދިފައި ވަނީ، ޣައިރު ގާނޫނީ ހިޖުރަވެރިން ހައްޔަރު ކުރުމަށް މެލޭޝިއާގެ ސަރުކާރުން ހަރަކާތްތަކެއް ހިންގާފައި ވާތީއެވެ. މެލޭޝިއާގެ ސަރުކާރުން ވަނީ، ވެކްސިން ޖަހަން މަޑުކޮށްގެން ތިބި ހިޖުރަވެރިންތަކެއްވެސް ހައްޔަރު ކޮށްފައެވެ. މިފަދައިން އަމަލު ކުރުމަކީ، ވެކްސިން ކެމްޕޭންގެ ފައިދާ ހާސިލު ވާނެ ކަމެއް ނޫން ކަން، ޑޮކްޓާޒް ވިތައުޓް ބޯޑާޒްއިންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑް-19 އަށް ފަރުވާއެއް ހޯދިފައި ނުވާއިރު، މިވަގުތު އޮތް އެންމެ ރައްކާތެރި އެއް މަގަކީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމެވެ.

މެލޭޝިއާއަކީ ރެފިއުޖީންގެ ދަރަޖަ ބަލައިގަންނަ ގައުމެއް ނޫނެވެ. އދގެ ރެފިއުޖީ ކޮންވެންޝަންގައިވެސް މެލޭޝިއާއިން ސޮއި ކޮށްފައެއް ނުވެއެވެ.