ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، މާލެ ސަރަހައްދުގައި ޕްރައިވެޓް އޮފީސްތަކަށް މުވައްޒަފުން ނެރެގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިގޮތަށް ހުއްދަ ދީފައި ވަނީ މިއަދު އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައި ވާ އިތުރު ލުއިތަކެއް ހާމަ ކުރައްވާފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގާ ޕްރައިވެޓް އޮފީސްތަށް ހުޅުވައިގެން މަސައްކަތް ކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ. އެޗްއީއޯސީން މިއަދު އެ ހުއްދަ ދިން އިރު އަމިއްލަ އޮފީސްތައް ހުޅުވައިގެން މުވައްޒަފުން ނެރެގެން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ.
މި ހުއްދަ ދިންކަން ހާމަ ކުރައްވަމުން ޑރ. ނަޒްލާ ރަފީޤު ވަނީ އޮފީސްތައް ހުޅުވުނު ކަމުގައިވީ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.
މިދިޔަ މަސްތެރޭގައިވެސް ވަނީ ލުއި ތަކެއްދީފައެވެ. އޭގެ ތެރޭގައި ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް 72 ގަޑިއިރު ނުވާ ފީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނު ވުމެއް ނެތި ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ވަނީ ލުއި ދީފައެވެ. ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭނެއެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރު ކުރެވޭނެއެވެ.