އެއާޕޯޓުގައި މަސައްކަތްކުރާ އިމިގްރޭޝަންގެ ހުރިހާ ބޯޑަރު އޮފިސަރުން ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އިމިގްރޭޝަންގެ ބޯޑަރު އޮފިސަރުންގެ 100 ޕަސެންޓް މީހުން ކޯވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ހަނަފީ ވިދާޅުވީ މިއީ ކާމިޔާބީއެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.

ހަނަފީ އިތުރަށް ވިދާޅުވީ ހުރިހާ ބޯޑަރު އޮފިސަރުން ވެކްސިން ޖެހުމުން އެތައް ހާސް ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމަށެވެ.

ސަރުކާރުން މި އޮގަސްޓުމަހު ފެށި ވެކްސިންގެ ހާއްސަ ޕްރޮގްރާމުގެ ދަށުން ހުރިހާ އޮފިސްތަކެއްގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން ރައީސް އޮފީހުން އޮތީ އިލްތިމާސް ކޮށްފައެވެ.

އަދި ވެކްސިން ޖެހުމުގައި ދަތިވާނަމަ ނުވަތަ އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުންވާނަމަ އެޗްޕީއޭއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން އެހެން ބުނެފައި ވާއިރު ސެޕްޓެމްބަރު 1 ގެ ފަހުން ސްކޫލުތަކުގެ މުވައްޒަފުންނަށް ސްކޫލުތަކަށް ވަދެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.