ކޯޓުއަމުރަކާ ގުޅިގެން ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު އިމިގްރޭޝަން އިން ދޫކޮށްލައިފިއެވެ.

" ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ކޯޓު އަމުރެއް ލިބުމާ ގުޅިގެން ވަގުތީގޮތުން ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލައިފައިވާ ކަމުގައެވެ.

ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ޖުލައިމަހުއެވެ. އަދި 2 ފަހަރެއްގެ މަތިން ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ޖާބިރު އެއާޕޯޓަށް ވަޑައިގަތުމުން ވެސް ޕާސްޕޯޓް ހިފަހައްޓައިފައިވުމުން ބޭރަށް ވަޑައިގަނެވޭގޮތްވަނީ ނުވެފައެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ އަންގާރަދުވަހު މަޖިލިސްކުރާ ގެ ކައިރިއަށް ވަޑައިގެން އިހުތިޖާޖު ކުރައްވާފައިވަނިކޮށެވެ. އޭގެފަހުން ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު، މ. ކިނބގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެގޭގައި ބޭރަށް ފެންނަން ހުރި ވެޔޮގަނޑަކަށް ވަނީ ގެއްލުންދީފައވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން ޖުލައި މަހުން ފެށިގެން ހިފެހެއްޓުމަށްފަހު ދޫކޮށްލައިފައިވާއިރު ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް ވެސް އަދި ދޫކޮށްލި ސަބަބެއް އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.